އިވެންޓްތައް
އެފް އޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް 2026

އެފް އޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް 2026

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަމާޒުގައި، ޓީމް ހަނިމާދޫގެ ފަރިތަކުރުންތައް ވަރަށް ފޯރީގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ހަނިމާދޫ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ މި ފަރިތަކުރުންތަކުގައި ރަށުގެ މޮޅެތި ތަޖުރިބާކާރު ކުޅުންތެރިންނާއި، އުއްމީދީ ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ. ޓީމުގެ ކޯޗު އިބްރާޙިމް ތަންސީފް އަދި މެނޭޖްމަންޓްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ފަރިތަކުރުންތަކުގައި، ކުޅުންތެރިންގެ ފިޓްނަސް އާއި ޓެކްޓިކަލް ކުޅުމަށް އަންނަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.

"މި މުބާރާތަށް އަޅުގަނޑުމެން މި ނުކުންނަނީ ވަރަށް ބޮޑު އުއްމީދަކާއެކު. ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރާއި ޖޯޝަކީ މުޅި ޓީމަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަމާޒަކީ އަތޮޅު ޗެމްޕިއަންކަން ހޯދައި، ޤައުމީ ފެންވަރުގައި ހަނިމާދޫގެ ނަން ވިދާލުން،" ޓީމުގެ ފަރިތަކުރުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޓީމުގެ އޮފިޝަލަކު ބުންޏެވެ.

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބޮޑު މުބާރާތެކެވެ. މިއީ އަތޮޅު ފެންވަރުގެ މުބާރާތްތަކުން މޮޅުވާ ޓީމުތަކަށް ޤައުމީ ފެންވަރުގައި ބޮޑެތި މުބާރާތްތަކުން ފުރުޞަތު ލިބިގެންދާނެ މުބާރާތެއްކަމުން، މި މުބާރާތުގެ މުހިންމުކަން ވަރަށް ބޮޑެވެ. ހަނިމާދޫއަކީ އަބަދުވެސް ފުޓްސަލްގައި މުޅި އަތޮޅުންވެސް ފާހަގަކޮށްލެވޭ ގަދަ ބާރަކަށްވުމާއެކު، ސަޕޯޓަރުން ތިބީ ޓީމުން ތަށި އުފުލާލާނެ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ.

ޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާއިރު، ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ދަނޑުދޮށަށް ގޮސް ކުޅުންތެރިންނަށް ހިތްވަރުދީ، ސަޕޯޓުކުރުމަކީ ޓީމް ހަނިމާދޫގެ ވަރަށް ބޮޑު އެދުމެކެވެ.